Sunday 13 April 2008

ކޯމާގައި އޮތް 14 އަހަރުގެ ކުއްޖާ ހަފްތާއެއްފަހުން މަރުވެއްޖެ

ސިލްސިލާ މާރާމާރީ:

 

·        އިޔުމަންރައިޓްސް ކޮމޝަނަރ އަދި ޔޫތު މިނިސްޓަރ ކަންބޮޑުވުން ފާޅުކޮށްފި

އިބްރާހީމް މުޙައްމަދު

 

މިމަހު 4 ވަނަ ދުވަހުގެ ދަންވަރު މާލޭގައި ފެށި ސިލްސިލާ މާރާމާރީގައި އެންމެ ފުރަތަމަ ޒަހަމްވި އުމުރުން 14 އަހަރުގެ ކުއްޖާ 7 ދުވަސްވަދެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އިންޓެންސިވް ކެޔަރ ޔުނިޓު (އައިސީޔޫ)ގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނަނިކޮށް ރޭ ދަންވަރު މަރުވެއްޖެއެވެ.

އާއިލާ މީހަކު މައުލޫމާތު ދިންގޮތުގައި ގ.ތަނބުރުގޭ ޝިފާޢު މަރުވެފައިވަނީ ދަންވަރު 1:20 ހާއިރެވެ. އަދި ޑޮކްޓާރާ ހަވާލާދީ ބުނީ ޝިފާޢު މަރުވީ ކުއްލިއަކަށް ހިތް ހުއްޓިގެން ކަމަށެވެ.

"ފުލުހުން އައިސް ފޮޓޯ ނަގައި މައުލޫމާތު ސާފުކުރި" އޭނާ ބުންޏެވެ.

ނަމަވެސް ޝިފާޢުއަށް ހަމަލާދިން ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކުރިކަމެއް ނޭނގޭކަމަށް އާއިލާ މެމްބަރު ބުންޏެވެ. މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކުރިން ހާމަކޮށްފައިވާގޮތުގައި އޮލިމްޕަސް ކައިރީގައި ޝިފާޢުއަށް ހަމަލާދިން ހާދިސާއާ ގުޅިގެން 3 މީހަކު ހައްޔަރުކޮށްފައިވެއެވެ. ފުލުހުންގެ މީޑިޔާ އޮފިޝަލް ސާޖަންޓް އަޙްމަދު ޝިޔާމް މިއަދު ވިދާޅުވީ އޮލިމްޕަސް މާރާމާރީއާ ގުޅިގެން 3 މީހުން ހައްޔަރުކޮށްފައިވާއިރު އެރޭ އިތުރު މަރާމާރީއެއް ހިންގަން އުޅުމުގެ ތުހުމަތުގައި އިތުރު 2 މީހުން ހައްޔަރުކޮށްފައިވާކަމަށެވެ.

"އެ އެންމެން އަދިވެސް ތިބީ އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި" ސާޖަންޓް ޝިޔާމް ވިދާޅުވިއެވެ.

ޝިފާޢު މަރުވެފައިވަނީ އޭނާގެ ބޮލުގެ ނާށިގަނޑާއި މެޔަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް ހޭނާރައި ކޯމާއެއްގައި އޮށްވައެވެ. ޝިފާޢު ވަޅުލެވުނީ މެންދުރު ނަމާދަށްފަހު އާސަހަރާގައެވެ. ފުލުހުން ހާމަކުރިގޮތުގައި މިހާދިސާގެ ތަހުޤީޤު އަދިވެސް ދަނީ ކުރިއަށެވެ.

ހިޔުމަން ރައިޓްސް ކޮމިޝަނަރ އާއި ޔޫތު މިނިސްޓަރގެ ކަންބޮޑުވުން

އާސަހަރާގައި ހުންނަވާ ހިޔުމަން ރައިޓްސް ކޮމިޝަނަރ އަޙްމަދު ސަލީމް ވިދާޅުވީ މިފަދަ މާރާމާރީތައް ހުއްޓުވުމަށް އެކޮމިޝަންގެ ފަރާތުން އަންނަނީ ގިނަގުނަ މަސައްކަތްތައް ކުރަމުން ކަމަށެވެ.

"އަޅުގަނޑުމެންނަކީ 100 އިންސައްތަ މުސްލިމު ބޮޑު އާއިލާއެއް" ސަލީމް ވިދާޅުވިއެވެ. "މިއީ ޤަބޫލުކުރެވޭ ކަންތައްތަކެއް ނޫން. މިހާރު މިކަން (މާރާމާރީ) އާއްމުވެއްޖެ"

ސަލީމް ވިދާޅުވިގޮތުގައި މިފަދަ އަމަލުތައް ހުއްޓުވުމަށް ސަރުކާރުން އިތުރު ފިޔަވަޅުތައް އަޅަން ޖެހެއެވެ. މިގޮތުން ތަޅާފޮލާމުންދާ ގުރޫޕުތައް އެއްގަލަކަށް އެރުވުމަށް ސަރުކާރުން މެދުވެރިއެއްގެ ދައުރު އަދާކުރެވިދާނެކަމަށް ސަލީމް ވިދާޅުވިއެވެ. މިމަހު 9 ވަނަ ދުވަހު މޯލްޑިވްސް ނެޝިނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ މޭޖަރ އިބްރާހީމް އަފްޟަލްވެސް ވިދާޅުވެފައިވަނީ އެފަރާތުން ތަޅާފޮޅަމުންދާ ގުރޫޕުތަކުގެ މެދުވެރިއެއްގެ ބައި އަދާކުރަން ހުންނެވީ ތައްޔާރަށް ކަމަށެވެ.

ސަލީމް ވިދާޅުވީ މިހިނގަމުންދާ ހަމަނުޖެހުމަށް ވަގުތީ ހައްލެއް ގެނެވުމުގެ ބަދަލުގައި ދާއިމި ހައްލެއް ހޯދަން އިސްކަން ދޭންޖެހޭކަމަށެވެ. މިގޮތުން ދާއިމީ ހައްލެއް ހޯދުމުގެ މަޤްސަދުގައި ދާދިފަހުން ފުލުހުންނާ ވާހަކަ ދައްކާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އަދި ފުލުހުންނަށް ލަފާވެސް ދީފައިވަނީ އެޅިދާނެ ފިޔަޅުތައް" ސަލީމް ވިދާޅުވިއެވެ. "ޤާނޫނު ތަންފީޒުކުރެވޭނީ އެފަރާތްތަކަށް"

މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓަސް މުޙައްމަދު ވަހިއްދީން އާސަހާރާގައި ހުންނަވައި މިނިވަން ނޫހަށް ދެއްވި ބަސްދީގަތުމުގައި ވިދާޅުވީ 14 އަހަރުގެ ޝިފާޢު މަރުވުމުން އެމަނިކުފާނު ވަރަށް ބޮޑަށް ކަންބޮޑުވާކަމަށެވެ. އަދި އަމިއްލަ ހައިސިއްޔަތުން މިފަދަ ކަންތައްތައް ހައްލުކުރަން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ޤާނޫނު ތަންފީޒުކުރެވިގެން މިކަން ހައްލުވާނެ" ކުރިން ހިޔުމަން ރައިޓްސް ކޮމިޝަނުގައި މަސައްކަތް ކުރެއްވި ވަހިއްދީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި މި ތަޅާފޮޅުތައް ހުއްޓުވޭނީ އެއަމަލު ހިންގާ ފަރާތްތަކުގެ މަޤްސަދާއި ސަބަބު އޮޅުންފިލުވައިގެންނެވެ.

މިދިޔަ ޑިސެމްބަރުމަހުގެ 2 ވަނަ ދުވަހުވެސް ޒުވާނަކަށް ވަޅިން ހަމަލާދީ މަރާލާފައިވެއެވެ. ހ.ކުބުރާ އަލީ އިޝްހާރަށް (ޗޯޓޭ) ހަމަލާދީ މަރާލި ހާދިސާއާ ގުޅިގެން ހޯދަން ބޭނުންވާ އެންމެ މިހާރުތިބީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުގައެވެ.

ފޮޓޯ: ހިޔުމަން ރައިޓްސް އަދި ސްޕޯޓްސް އެކުއެކީގައި

ކެޕްޝަން: ސަލީމް އަދި ވަހިއްދީން އާސަހަރާގައި ކަންބޮޑުވެފައި

 

ކޯޓޭޝަން: "އަޅުގަނޑުމެންނަކީ 100 އިންސައްތަ މުސްލިމު ބޮޑު އާއިލާއެއް. މިއީ ޤަބޫލުކުރެވޭ ކަންތައްތަކެއް ނޫން. މިހާރު މިކަން (މާރާމާރީ) އާއްމުވެއްޖެ" – ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް